navLogo

ތިން ވުޒާރާގައި ހިނގި އަލިފާނުގެ ހާދިސާ: ޗައިނާއިން 2.8 މިލިޔަން ޑޮލަރު އެހީއެއް ދީފި

ތިން ވުޒާރާގައި ހިނގި އަލިފާނުގެ ހާދިސާ: ޗައިނާއިން 2.8 މިލިޔަން ޑޮލަރު އެހީއެއް ދީފި
3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 2.8 މިލިޔަން ޑޮލަރުގެ އެހީއެއް ޗައިނާ ސަރުކާރުން ދެއްވުން - ޕޮޓޯ ޙާރިޖީ ވުޒާރާ
މަރިޔަމް

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އޭރު ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ޗައިނާ ސަރުކާރުން 2.8 މިލިޔަން ޑޮލަރުގެ އެހީއެއް ދިވެހި ސަރުކާރަށް ދެއްވައިފިއެވެ. މި އެހީގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ކުރިމަތީގައި ހުރި އިމާރާތުގައި އަލިފާން ރޯވިއިރު، އެ އިމާރާތުގައި އޭރު ހިންގަމުންދިޔައީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއެވެ.

މީގެ އިތުރުން، އެ އިމާރާތާ ޖެހިގެން ހުރި ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ، އެތަނުގައި ހިންގަމުންދިޔަ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި މި އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، މި ވުޒާރާތަކާއި އިދާރާގެ މަސައްކަތްތައް މިވަގުތު ކުރަމުންދަނީ ދަރުބާރުގޭގައެވެ.

ޗައިނާ ސަރުކާރުން ދެއްވި މި 2.8 މިލިޔަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިންހުއާ އެވެ. ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޗައިނާއިން ދެއްވި މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި އެހީތެރިކަން، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޢުމްރާނީ ގޮތުންނާއި އެނޫންވެސް ދާއިރާތަކަށް ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މޫސާ ޒަމީރު ވާހަކަފުޅު ނިންމަވާލައްވަމުން ޗައިނާއިން ދިން އެހީތެރިކަމަށް އަލުން ވެސް ޝުކުރުއަދާކުރައްވައި، ދެ ޤައުމަށް ވެސް ފައިދާވާނެ ގޮތަށް ޗައިނާއާ އެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަން ހާމަކުރެއްވިއެވެ.

Rate this article

Leave a Comment

Comments (0)